| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 08:05

ލަދުވެތި ދުވަހެއް!


 2004 urwbcneTcpes 19

16 ސެޕްޓެމްބަރ 2004 ވަނަ ދުވަހު ޔޫރަޕިއަން ޕާލިމަންޓްއިން ދިވެހިރާއްޖެއާއި ބެހޭގޮތުން ފާސްކުރި ކަންތައްތަކާއި ދިވެހިރާއްޖެ އާއި ބެހޭގޮތުން ފާޅުކުރި ޝުޢޫރުތައް އިވުނީމައި، މި ދިވެހިރާއްޖެ ދެކެ އަބަދަވެސް ފަހުރުވެރިވާ ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ލަދުގަތެވެ. އަޅުގަނޑުގެ ހިތައްއެންމެ އަސަރުކުރީ ދިވެހިރާއްޖެ މިހާރު މިއޮތީ ބަރުމާ، ސޫދާން ކިއުބާ ފަދަ ޤައުމު ތަކާއި އެއްސަފުގައިވާތީއެވެ. އަޅުގަނޑުގެ ހިތައްއެރީ ދިވެހިރާއްޖޭގެ ކުރިއެރުމާއި ތައުޒީބް އޮތީ ބަރުމާ، ސޫދާން އަދި ކިއުބާ ފަދަ ޤައުމުތަކާއި އެއްވަރުގައިބާވައެވެ. ހަމަގައިމުވެސް ޔަގީންކަމާއި ކެރިހުރެ ދަންނަވަންކެރޭނެ އަޅުގަނޑުމެން އާންމު ރައްޔިތުންގެ ވިސްނުމާ، ކިޔަމަންތެރިކަމާ، ކެތްތެރިކަމާއި ދިރިއުޅުމުގެ ކަންތައްތައް އެޤައުމުތަކުގެ ރައްޔިތުންނަށްވުރެ އެތައްބައެއް ރަނގަޅުވާނެކެމެވެ.

 ހިތާމައަކީ އަޅުގަނޑުމެންގެ ޤައުމު ހިންގަން ތިއްބެވި ވެރިންގެ ދުރު ވިސްނުމުގައި ހުރި ކޮށިކަމެވެ. މިއަދުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި ހިންހަމަނުޖެހިގެން ނުވަތަ ސަރުކާރުގެ ސިޔާސަތު އިސްލާހައްއެދި ތިބި ބަޔަކު ކެނޑިނޭޅިކުރަމުންގެންދާ މަސައްކަތާއި ދޭތެރޭގައި ސަރުކާރުން ރައްދުގައި އަޅަންޖެހޭ ފިޔަވަޅުތައް ރަނގަޅުގޮތުގައި ނޭޅުމުގެ ހިތި ނަތީޖާ މިއަދު މިދަނީ ފެންނަމުންނެވެ. ޔޫރަޕިއަން ޕާލިމަންޓްގެ މެމްބަރުން މަސައްކަތް ކުރަމުންގެންދިޔަ ކަންތައްތަކާއި ދޭތެރޭގައި ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން ކުރެވުނީ ކޮންކަމެއްތޯއެވެ. މިއަދުގެ ސަރުކާރުން މިހާރަކަށްއައިސް އަބަދު ދައްކަވަމުންގެންދަވާ ވާހަކައަކީ އިސްލާހީ ބަދަލުތައް ގެންނަވަމުން ގެންދަވާ ވާހަކައާއި އަދި ކުރިއަށް އޮތްތާގައިވެސް އިސްލާހީ ބަދަލުތައް ގެންނަވާނެކަމުގެ ވާހަކައެވެ. އެހެންކަމުން މިކަމުގެ ތަފްޞީލް ޔޫރަޕިއަން ޕާލިމަންޓްގެ މެމްބަރުންނަށް އޮޅުންފިލުވައި ނުދެވުނީކީއްވެގެންތޯއެވެ. ޔޫރަޕިއަން ޔޫނިއަން އަށް އަންގައި ނުދެވުނީ ކީއްވެގެންތޯއެވެ.

 މިކަމުގެ ފުރިހަމަ ޒިންމާ ދިވެހި ސަރުކާރުން ނަންގަވަންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިސްތިއުފާ ދެއްވަންޖެހޭނެއެވެ. ކީއްވެތޯ ހާރިޖީ ވުޒާރާއިން އެދެވޭ މަސައްކަތް ނުކުރެވުނީ. މިކަންކުރަން ފައިސާ ނެތީތޯއެވެ. ނުވަތަ މިކަންކުރާނެ ތައުލީމީ މީހުން ނެތީތޯއެވެ. ނުވަތަ މިކަންކުރަން މިހާރު ތިބި މީހުންގެ ދުރުވިސްނުން ކޮށީތޯއެވެ. ނުވަތަ މިކަންކުރާނެ ވަގުތު ނެތީތޯއެވެ. ހިތާމައަކީ މިފަދަ ކޮންމެ ފަހަރަކުވެސް ޒިންމާވާ ބަޔަކު ނުތިބޭކަމެވެ. މިކަންވެސް ތާކުންތާކުނުޖެހޭކަމަކަށް ވެގެންގޮސް ނިމިގެންދާނީއެވެ. ޝުކުރާއި ތައުރީފު ދޭންޖެހެނީ މާތްﷲ ކެތްރިކަންދެއްވާފައިވާ ލޮބުވެތި ދިވެހި ރައްޔިތުންނަށެވެ. އެހެން މިދެންނެވީ އަޅުގަނޑުމެން ދިވެހި ރައްޔިތުން މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި މިފަދަކަންކަމާ ބެހޭގޮތުން ދުވަސްކޮޅެއްވަންދެން ވާހަކަ ދައްކާ ޝުޢޫރު ފާޅުކުރުމަށްފަހު މިކަންކަމާ ބެހޭ ހަނދާތައް ފޮހެލާކަމެވެ. އަޅުގަނޑު ހިތައްއަރަނީ މިގޮތައް މިޖެހޭ ލައްގަނޑުތައް ފިލައިގެން ދާނެބާވައެވެ. އަދި މިލައްގަނޑުތައް ފިލުވައިލުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކެމެވެ.

 އަޅުގަނޑުގެ އިލްތިމާސަކީ މިނޫން ސަރުކާރެއް ވެރިކަމާއި ހަވާލުވާ ދުވަހަކުން މިކަންކަމާ ޒިންމާވާ ބަޔަކު ހޯދުމަށްފަހު އެބަޔަކާމެދު އެއިރަކު އޮންނަ ޤާނޫނާއި ޤަވައިދުތައް ހުއްދަކުރާ މިންގަޑަކުން ފިޔަވަޅު އެޅުމަށެވެ.

 


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004