| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 09 December 2005 08:03

    wnurwk El   


 ހިތި ތަޖުރިބާ

  13 އޮގަސްޓް 2004 ވީ ހުކުރު ދުވަހު 15:45 ހާކަށް އިރު އަޅުގަނޑުގެ މަންމައަށް ފައިސާކޮޅެއް ފޮނުވަންވެގެން ރަށު ބޯޓަށް ދާން ނިކުމެ ހިގާގަތްތަނާހެން ސިފައިންގެ ވޭނެއް އައިސް މަޑުކޮށް މިހިރީ އޭކިޔާފައި އަޅުގަނޑު އަތުގައި ހިފިއެވެ. އަދި ކީއްވީތޯ އަޅުގަނޑު ތިގެންދަނީ، ނުގެންދާށޭ އާދޭސްކޮށްފައި ބުނުމުން ބަނޑުގައި ކޮޅުފައިން ޖަހާފަ އަޅުގަނޑު ވޭނަށް އެރުވިއެވެ. ދެން ކަނު ބަނދެ ގެންދިޔައީ ސިފައިންގެ އަށެވެ. އެތަނަށް ވައްދަމުން އަޅުގަނޑުގެ ކުރިމަތީ ފަރާތުގައި ހިފާ ވަރަށް އަނިޔާ ކުރަން ފެށިއެވެ.

 ނަމަވެސް އަޅުގަނޑުގެ ނަސީބު ރަގަޅުކަމުން އޭގެ ތެރެއިން އެއްބޭ ފުޅެއްގެ ހިތަށް އީމާންތެރިކަން ވަދެގެން އަޅުގަނޑަށް އަނިޔާ ނުކުރާށޭ ބުންޏެވެ. ނޫންނަމަ ހީވަނީ ފުރާނަ ވެސް ދާނެ ހެންނެވެ. މިހެން މިބުނީ އަޅުގަނޑަށް އަނިޔާ ކުރަން ފެށީ އެއްވެސް ސުމާރަކަށް ނުބަލައެވެ. ހީވީ އަޅުގަނޑު މީހަކު ނުވަތަ ބަޔަކު މަރާލާއިގެން ގެނާ މީހަކު ހެންނެވެ. ދެން އަޅުގަނޑު ގެން ގޮސް ވެއްދީ ވަރަށް ބައިވަރު ބަޔަކު ތިބި ތަނަކަށެވެ. އެތަނުގެ ތެރޭގައި ރޯ އަޑާއި ހަޅޭކުގެ އަޑު ވަރަށް ގަދައެވެ. އެހިނދު އަޅުގަނޑަށް ރޮވުނެވެ. ސަބަބަކީ ނުވެސް އެގި އަޅުގނޑު ކުއްވެރިއަކަށް ވީތީ އާއި ފުރަތަމަ ފަހަރަށް މިކަހަލަ ކަމެއް ތަޖުރިބާ ކުރަންޖެހުނެވެ. ނަމަވެސް ކީއްތޯ ކުރާނި، މާތް ﷲ އާއި ވަކީލެވެ. ދެއްކޭނީ ކޮންބާރެއް ހެއްޔެވެ. ނުވަތަ އެހީވާނީ ކޮންއަތަކުން ހެއްޔެވެ. ދަށުވެފައިމިވަނީ އަޅުގަނޑުމެންގެ ގައުމުގެ ކުލީސިފައިންގެ އަތްދަށުގައެވެ.

އާދެ ދެން އަޅުގަނޑުވެސް ދުމަށިމައްޗަށް މަސްޖަހާ ބީދާއިން އެތާއެތެރެއަށް (ތަޅުންގަނޑެއްގެ މައްޗަށް) ނަގާ އެއްލާލިއެވެ. އަދި ގަޑިއެއްހާ އިރު ފަހުން އަޅުގަނޑުގެ އަތް އައްސިވެގެން އަޅުވާފަހުރި ބިޑި ދޫކޮށްދޭން އެދުމުން ވޮޗްޑޯގަކަށް ހުރި ކުލީސިފައިންގެ ބޭފުޅަކު ޖަވާބުގައި ބުންޏެވެ. ފަރީދު ނުވަތަ ގާސިމު ކައިރީގައި ބިޑި ނައްޓަން ބުނަންވީއެއްނޫން.. ކިހާ ހެއްވާ ދެއްތޯ؟ ދެން ކާގަޑި ޖެހުމުން އައިސް ގަރުދިޔަބަތް ޕާރިސަލެއް ދިނެވެ. ނަމަވެސް ދެއަތް ބަނދެ ލޯ ބަނދެފަ ހުރި މީހަކަށް ކެވޭނީ ކިހިނެތް ހެއްޔެވެ. އަޅުގަނޑު ނުކަމެވެ. ދެން އޮތީ މީސްމީހުންގެ ޝަކުވާ އަޑުއަހަން، އެހެން އޮތްވާ މަސްތަކުގައި ޓެގް ޖަހާގޮތަށް އަޅުގަނޑުމެންގާގައި ނަންބަރުތަކެއް ޖަހަން ފެށިއެވެ. ދެންހިތަށް އެރީ މިއުޅެނީ ކީތްކުރަން ބާވައެވެ. ހުދު އަޅުގަނޑަކަށް ނޭގޭ އަޅުގަނޑު ގެންނަން ޖެހުނު ސަބަބުވެސް، އާދެ މިހެން އޮތްވާ  ހައަކުން ހައަކަށް ކުލީ ސިފައިން ޖަހާ ރާގު ކޮޅަށްފަހު، އަޅުގަނޑު ގާގައި ކޮށްޓާލާފައި ތެދުވާން ބުންޏެވެ. ދެން ވަރަށް އުފަލުން ތެދު ވެއްޖެއީމެވެ. އެއީ ގެއަށް ފޮނުވާލަން އުޅޭތީ އެވެ. ނަމަވެސް ކަންވީ މުޅިން އެހެން ގޮތަކަށެވެ. ތެދުކޮށްފަ އެޅުވީ ލައިފް ޖެކެޓެކެވެ. ލައިފް ޖެކެޓް އެޅުވުމުން މިއުޅެނީ ރަށުން ބޭރަށް ގެންދަންކަން އެނގިއްޖެއެވެ.

މިހިސާބުން ދަތިވެގެން މަންމަ ފޮނުވާން ބުނި ފައިސާކޮޅު މަތިން ހަދާން ނައްތާލީމެވެ. ދެން ބައިބަޔަށް ވަކިކޮށް ގެންދިޔައީ ކުލީ ސިފައިން ދުއްވާ އުޅަނދަކަށެވެ. އާދެ ގިރިފުށްޓަށް ގެންދަން ވެގެންނެވެ. މިއީ އަޅުގަނޑުމެންގެ ނަމޫނާ ޑިމޮކްރެސީގެ ހަމަތަކެވެ. މީނާގެ ރަސްކަމާ އަޅުގަނޑުމެންކަހަލަ  ރާއްޖެތެރެ ފަގީރުންނަށް ކުޅެވޭނީ ކިހިނެތްތޯ، ނަމަވެސް ރަސްކަމާ ހުރެ ހުރި ދަހިވެތިކަމެއްގެ ބޮޑުކަމުން ނިކަމެތި ރައްޔިތުންގެ ލޭބޯންވެސް މި ބަލްމޫން (އޯލްޑް ފޭސް) މިހިރީ ތައްޔާރަށެވެ. މި ގަމާރު ބޭނުންވަނީ ރައްޔިތުން މަރާލާފައިވެސް މީނަގެ ހުދު މުހުތާރު ވެރިކަން ދެމެހެއްޓުމަށެވެ. ކޮންމެ އަކަސް ކުލީ ސިފައިންގެ އުޅަދަށް އަޅުގަނޑު އަރުވާއިފިއެވެ. އަރުވަމުން ޖެއްސުންކޮށް ބުންޏެވެ. ތިއެރީ އަރުމާޒަށް، ދެން އާރަށަށް ދާން ނައްޓާލަނިއެވެ. މި ބަކަރިތައް މިތިބީ ވެރިކަން އުމުރު ދުވަހަށް ދަމަހައްޓަން ރަގަޅަށް ޓްރޭން ކޮށްފައެވެ. ހެއްވާ ދެއްތޯ....؟ މިބޯގަމާރުންނަކަށް ވެރިކަމަކީ ބަދަލުވާނެ އެއްޗެއްކަން ނޭގެނީ ބާވައެވެ. އަދި ބަލްއޫނު ހީކުރަނީ މީނައަކީ މަރުނުވާނެ މީހެއްކަމަށެވެ.   ކޮންމެއަކަސް ގިރިފުށްޓަށް ބާލައި، ލައިފް ޖެކެޓް އަތުލައިފިއެވެ. ދެން ގެންދިޔަތަނަކަށް ގެންގޮސް ބައިންދާފިއެވެ. އޭރުވެސްތިބީ ކަނު ބަނދެފައެވެ. އޭގެ އިރުކޮޅެއް ފަހުން ހެނދުނުގެ ސަޔަށް ޕާރުސަލެއް ދީފިއެވެ. ނަމަވެސް ކެވޭނެތޯއެވެ. ބަޑުހައިވެފަ ހުރިލެއް ބޮޑުކަމުން އަތާއި އަގަޔާއި ދިމާވޭތޯ މަސައްކަތް ކުރީމެވެ. ކުރިޔަށް ނުދިޔުމުން ހުއްޓާލީމެވެ. މިއީ ދެވަނަ ރެއެވެ. މިރޭވެސް ނިދަން މިޖެހުނީ ކުރީރޭ ނިދަން ޖެހުނު ގޮތަށެވެ. އެއަށްވުރެ ހާލުދެރައެވެ. ސަބަބަކީ މިތަނުގެ ތެރެއަށް ވާރޭވެސް ވެހޭތީއެވެ. ހަމަތަފާތުވީ އެންމެ ކަމެކެވެ. އެއީ މާލެ ނޫންކަމެވެ. ހެނދުން ވުމުން ހެނދުނުގެ ސައި އައުމުގެ ކުރިން ވަރަށް އާދޭސްކޮށްގެން ކަނުބަންނަންވެގެން އެއްސި ފޮތިކޮޅު މުހާލަ ދިނެވެ. އޭރު ލޮލުފިޔަ ނުޖެހޭތާ ދެދުވަސް ވީއެވެ. މީއީ ކޮން އާޒާބެއް ބާވައެވެ. މިއީ ބަލްއޫނު ބުނާ ހަރުދަނާ "ދިމާޤުރާތީ" އަދި "ދީންމުޤުރާތީ" (ޑިމޮކްރެސީ)ގައި އިންސާނުންނާއި ދޭތެރޭ ކަންތައް ކުރަންޖެހޭ ގޮތް ބާވައެވެ.  އަޅުގަނޑުމެން ހުރިހާ ދިވެހިންނަށްވެސް މިއަދު ސާބިތު ވަމުންމިދަނީ، މިއީ ވެރިކަން ދަމަހައްޓަންވެގެން ހިންގާ މިލިޓްރީ ވެރިކަމެއްކަމެވެ. ބަޔާން ނަގަން އައުމުން މިހާދިސާ ކިޔައި ދިނީމެވެ. ނަމަވެސް ކުލީ ސިފައިން ބަޔާނުގައި ލިޔުނީ ޤަނޫނާއި ޤަވާއިދާ ޚިލާފް ޢަމަލްތަކެއް ބަޔަކު މީހުން ހިންގަމުން ދިޔަ ވަގުތެއްގައި ބޭރަށް ނުކުތުމުން، ތުހުމަތު ކުރެވޭތީ ގެނެވުނީއެވެ. މިއީ ކިހާ ހެއްވާ ވާހަކައެއް ހެއްޔެވެ. އަޅުގަނޑުމެންގެ ގައުމުގައި އަޅުގަނޑުމެނަށް މިއޮންނަނީ ކޮންކަހަލަ މިނިވަން ކަމެއްތޯ.... އަޅުގަނޑު ހިތަށް އެރިއެވެ.

 އަޅުގަނޑު ކުއްޔަށް ކޮޓަރި ހިފީކީ ބަންޑާރަ ކޮށްޓަކުން ނޫނެވެ. އަޅުގަނޑު ހުންނަ ކޮޓަރި ހުންނަނީ މާފަންނުގައެވެ. ކޮން ގޮތަކުން ބަލާފަތޯ އަޅުގަނޑަށް މިއަނިޔާ މި ކުރަނީ ހިތަށް އެރިއެވެ. ނަމަވެސް އަޅުގަނޑު ކުރިން ސަރުކާރަށް ދިން އިޖާބައެއް ދެނެއް ނޫދޭނަމެވެ. އަދި މިހާރު ދިވެހިރާއްޖޭގައި މިއޮތް ސަރުކާރަށް އެއްވެސް އިތުބާރެއް ދެނެއް ނުކުރެވޭނެއެވެ. މިއީ ވެރިކަން ދަމަހައްޓަން ވެގެން ރައްޔިތުން ޤުރުބާން ކުރާ ސަރުކާރެކެވެ. ނިކަން ވިސްނާ ބައްލަވާ، 18 އަހަރުން ދަށުގެ ކުދިންނަށް އަނިޔާކޮށްފައި، ޓީވީއަށް އަރާ ތިބުނަނީ، އެކުދިންނަށް ކިޔަވައިދޭނެ މަގުހޯދާދޭވާހަކައެވެ. ނުވަތަ ވަޒީފާ ބޭނުން ކުދިންނަށް ވަޒީފާ ހޯދަދޭނެ ވާހަކައެވެ.  މިވާހަކަ ކުރިން ނުދައްކަނީ ކީއްވެގެން ބާވައެވެ. އަޅުގަނޑުމެންނަކީ ނުވިސްނޭ މޮޔައިން ތަކެއް ނޫނެވެ. ތިބޭފުޅުންނަށް މޮޔަ ހެއްދޭނީ އަލީ ޝިޔާމު (ދިވެހިލަވަ ކުޅޭ) މެންކަހަލަ ބަޔެކެވެ.  އޭނަ ގައިގަ ނުތަޅައެވެ. ސަބަބަކީ އޭނަ ބަލްމޫނުގެ ދަނބިދަރިއަކަށް ޖާސޫސްކޮއްދިންކަމެވެ. ނަމަވެސް ކުލީ ސިފައިން އޭނަޔާ ދިމާލަށް ކިޔަމުން ދިޔަ އެއްޗެހި އަޅުގަނޑުގެ ކަންފަތުން އެހީމެވެ. ހަމަ އެފަދައިން ކުލީ ސިފައިން ގޮވަމުން ދިޔަ ހަޑިހުތުރު އެއްޗެހި ﷲ އައްސަވާ ވޮޑިގެންވާނެއެވެ. މި ގަމާރުންތައް ޓީވީންނާއި ރޭޑިޔޯއިން ދޮގުވާހަކަތައް ފެތުރުމަށް އެންގުމަށްފަހު، ބަލްމޫނު ކޮންމެރެއަކު "ރެޑިޔޯއިން އަޅަމެން ކޮށްފައިވާ ފާފަތަކާއި ނޭނގިވެފައިހުރި ފާފަތައް ފުއްސަވާދޭއެވެ" ބުނުމުން ނިމުނީ ތޯއެވެ. މިއަށްވުރެ ވަކި ބޮޑު މުނާފިގަކު އެބަހުރިތޯއެވެ.  ކިތަންމެ ވަރަކަށް ޓީވީން ނާއި ރޭޑިޔޯއިން ނުތަޅާކަމަށް ބުންޏަސް އަޅުގަނޑުމެން ގައިގަ ނުތަޅާކަމަކަށް ނުވާނެއެވެ. މީހުން ދޫކުރެވޭ ވަރަކުން އެދަނީ އެމީހުނަށް ލިބިފައިވާ އަނިޔާތަކަށް ބޭސްކުރަމުންނެވެ. އެންމެ ހެއްވާކަމަކީ ދޫކުރުމުން އެމީހަކަށް ރަށުންބޭރަށް ނުދެވޭކަމެވެ، ނުވިތާކަށް އަމިއްލަ ރަށައް ނުދެވޭކަމެވެ. މިއީ މާތްﷲ ރަސްކަންފުޅަށްޓަކައި ހަދާ ތެދެކެވެ. ފަހެ ސަރުކާރުން ކުރި އަނިޔާތަކަށް ޒިއްމާ ސަރުކާރުން ނެގޭނެ ބާވައެވެ. ނުވެސް ނެގޭނެއެވެ. އަދި ނުވެސް ނަގާނެކަން ޔަގީނެވެ. ބޭނުން ވަނީ ރައްޔިތުން ޤަތުލްކުރުމަށްފަހު، ވެރިކަން ދެމެހެއްޓުމަށްޓަކައި ވަފާދާރު ކުއްތާތައް ބަހައްޓާށެވެ. މިހެން ބޭތިއްބޭނީ ކިހާދުވަހަކަށްތޯ އަޅުގަނޑު ހިތަށް އަރައެވެ.

 


| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |

© Dhivehi Observer 2004