| Main | News | Dhivehi | Editorials | Opinions | Guestbook |About Maldives |Downloads |About us | Links | 09 December 2005 08:05
ތެދުބަސް
{Please download original font used}
ކޮންމެ ޤައުމަކީވެސް އެޤައުމަކަށް ނިސްބަތްވާ ބަޔެއްގެ މިލްކެކެވެ. މިނިވަންކަމާ އުފާވެރިކަންމަތީ ހުރިހާ އެންމެންނަށް ދިރިއުޅެވޭނެ މަގުފަހިކޮއްދިނުމަކީ އެޤައުމެއްގެ ވެރިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިއްމު މަސްއޫލިއްޔަތެވެ. އިންޞާފުވެރި، ޢަދުލުވެރި ވެރިޔަކު ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ވެރިކަންހިންގަންޖެހޭނީ ޤައުމުގެ ދުސްތޫރުގައިވާ ގޮތަށެވެ.
ޑިމޮކްރަސީގެ މާނައަކީ ރައްޔިތުންގެ ވެރިކަމެވެ. އެއްވެސް ބައެއްގެ ނުފޫޒެއް އެއްވެސް ބިރުވެރިކަމެއްނެތި، އެބައެއްގެ ދިރިއުޅުމުގެ އުސޫލުތަކާއި ޤަވައިދުތައް ހަދާ އެޤަވައިދުތަކައް ޢަމަލުކުރާނެ އިދާރީ އޮނިގަޑެއް ހުރިހާ ރައްޔިތުންވެގެން އެކުލަވާލައިހަރުދަނާކަމާއެކު ބެލެހެއްޓުމެވެ. ޤައުމުހިންގުމުގެ ކަންތައްތަކުގައި ރައްޔިތުންގެ ޙިއްސާއިތުރުވިވަރަކަށް ޤައުމުގައި ޢަދުލުއިންޞާފު ޤާއިމްކުރެވޭވަރުފުރިހަމަވާނެއެވެ.
ރައްޔިތުންގެ ވެރިކަން
ދުނިޔޭގެ ގިނަ ޤައުމުތަކުގައި 20 ވަނަޤަރުނާހަމައަށް އޮތީ ވިރާސީ ނުވަތަ އާއިލީ ވެރިކަމެވެ. ދިވެހިރާއްޖެއަކީވަރަށްމުސްކުޅިޤައުމެކެވެ. އާސާރީހޯދުންތަކާއި ތާރީޚީލިޔުންތަކުން އެނގޭގޮތުގައި ދިވެހިރާއްޖޭގައި މީހުންދިރިއުޅެންފެށިތާ މަދުވެގެން 2500 އަހަރުވެއްޖެއެވެ. ރާއްޖޭގައިވެސް ވަރަށްފަހަކާޖެހެންދެންއޮތީ ވިރާސީވެރިކަމެވެ.
ދިވެހިރާއްޖޭގެ ފުރަތަމަޤާނޫނުއަސާސީ އެކުލަވާލެއްވީ 1932 މ. ގައި ޝަމްސުއްދީން ރަދުންނެވެ. މިޤާނޫނުއަސާސީ 1940 މ. (މޮޓަރުބޯޓު ގަޑުބަޑު) ގައިއުވާލެވުނެވެ. ދެން އަލުން ޤާނޫނު އަސާސީ އެކުލަވާލެވުނީ 1942 މ. ގައެވެ. 1952 މ. ގައި ޖުމްހޫރިއްޔަތަކަށް ރާއްޖެބަދަލުވިއެވެ. ނަމަވެސް 1954 މ. ގައި އަނެއްކާ ވިރާސީ ވެރިކަމަކަށް ބަދަލުވިއެވެ. އޭގެފަހުން 1968 މ. ގައި ޖުމްހޫރީވެރިކަމަކަށް ބަދަލުކުރެވި ޤާނޫނުއަސާސީއަށް އިސްލާހްގެނެވުނެވެ.1978 މ. ގައިސަރުކާރުބަދަލުވުމާއެކު ޤާނޫނުއަސާސީ އިސްލާޙް ކުރުމުގެ މަސައްކަތް އަނެއްކާވެސް ފެށުނެވެ. 20 އަހަރުދުވަހުގެ މަސައްކަތުން އިސްލާޙުކުރެވި މިހާރުގެ ދުސްތޫރަށް ޢަމަލުކުރެވެން ފެށުނީ 1998 މ. ގައެވެ.
މިހިސާބަށް އާދެވުނުއިރުވެސް ޙަޤީޤީރައްޔިތުންގެވެރިކަމެއް ދިވެހިރާއްޖޭގައި މިވަނީ ނުފެށިފައެވެ. ސަބަބަކީ ވޭތުވެދިޔަ 50 އަހަރުވެސް ރާއްޖޭގެވެރިކަމުގެ މުގުލުގައި ތިއްބަވާބޭފުޅުންގެ ހިތްތަކުގައި ރައްޔިތުންގެ ފާގަތިކަމާއި،ތަނަވަސްކަމަށްވުރެ ތިމާގެ އަމިއްލައެދުން މާބޮޑުވީއެވެ. ޤާނޫންއަސާސީއަށްވެސް ޙުރުމަތްތެރިކޮއްނުހިއްތަވާ، ﷲ ގަންދީކުޅަހުވަޔާވެސް ޚިލާފްވީއެވެ. އަނިޔާވެރިކަމުގެ ކޮޅެއްނެތެވެ. ބިރުވެރިކަންއެހާމެބޮޑެވެ.
ދިވެހިރާއްޖޭގެ މުސްތަޤްބަލް އުޖާލާ ކުރުމުގެ މަސްއޫލިއްޔަތު މިއަދު ކޮންމެދިވެހި ދަރިޔެއްގެބޮލުގައިމިވަނީއެޅިފައެވެ.
ސިޔާސީ ޕާޓީ
ސިޔާސީޕާޓީއެއްގެ މަޤްޞަދަކީ ބަޔާންކުރެވޭވަކި އުޞޫލްތަކެއްގެމަތިން ރައްޔިތުންގެ ރުހުމާ އަޣްލަބިއްޔަތުހޯދައިގެން އެޤައުމެއްގެ ސަރުކާރުހިންގުމެވެ. ދުނިޔޭގެގިނަޤައުމުތަކުގައި މިހާރު ވެރިކަނކުރަނީސިޔާސީޕާޓީތަކުންނެވެ. މީގެ ތެރޭގައި އިންޑިޔާފަދަ ބޮޑެތިޤައުމު އަދި ޝީޝެލްސްފަދަކުދިޤައުމުތައްހިމެނެއެވެ.
ޤައުމެއްގެ ޙަޤީޤީވެރީންނަކީ އެޤައުމެއްގެ ރައްޔިތުންނެވެ. ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވާނެއެވެ. ދިރިއުޅުމުގެ ކަންތައްތައް އެކިމީހުން ނިންމާނީ އެކިގޮތަށެވެ. ނަމަވެސް ގިނަބަޔަކުރުހޭއުޞޫލުތަކެއް ޤަބޫލުކުރާ ސިޔާސީޕާޓީއަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.
ޕާޓިއެއް އުފެއްދުން : މިކަމަކީ ދިވެހިރާއްޖޭގެ ގާނޫން އަސާސީގައި ރައްޔިތުންނަށް ދެވިފައިވާ އަސާސީޙައްގެކެވެ. ވީމާ ކަނޑައެޅިފައިވާ ޤަވައިދުގެމަތީން ޕާޓީރަޖިސްޓްރީކޮއްނުދެއްވުމަކީ ޤާނޫންއަސާސީއާއި ޚިލާފުކަމެކެވެ. މިޙައްޤުނިގުޅައިގަތުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އަދި ރައްޔިތުންގެ މަޖްލީހަކަށްވެސް ނޯންނާނެއެވެ.
ޕާޓީގެ މެންބަރުން : ސިޔާސީޕާޓީއެއްގެ މެންބަރުންނަކީ އެޕާޓީއެއްގެ ސިޔާސަތާއިއުސޫލުތައްޤަބޫލުކުރާ އަދި ސިޔާސީމައިދާނުގައި ޙަރަކާތްތެރިވާން ބޭނުންވާމީހުންނެވެ.
ތާއީދުހޯދުން : ސިޔާސީޕާޓީއަކަށް ވެރިކަން ހިންގޭނީ ރައްޔިތުންގެ ތާއީދުލިބިގެންނެވެ. އަދި މިފުރުޞަތުހޯދުމަށް މަސައްކަތްކުރެވޭނީ ޤާނޫނީ ހަމަތަކުގެ މަތީންނެވެ. މިގޮތުން މެންބަރުންގެތެރެއިން ވަކިބަޔަކު ޕާޓީގެ ތަފާތު މަޤާމްތަކަށްއިސްކުރެވޭނެއެވެ. އަދި ރައްޔިތުންގެ މަޖްލީހަށް ކުރިމަތިލައިގެން ޢާއްމު އިންތިޚާބުގައި ވީހާވެސް ގިނަ ޢަދަދަކަށް މަޖްލީހަށް ޕާޓިގެ މެންބަރުން ހޮވިގެންނެވެ. މިގޮތުން އަޣްލަބިއްޔަތުލިބިއްޖެނަމަ ޤާނޫނީ ހަމަތަކުގެ މަތީންވެރިކަން ހިންގުމުގެ މުހިއްމު މަސްއޫލިއްޔަތުއުފުލަން ޖެހޭނީ އެޕާޓީއަކުންނެވެ.
މިސާލަކަށް 2004 ވަނަ އަހަރުއޮންނަ އިންތިޚާބުގައި ރައްޔިތުންގެ މަޖްލީހަށް ޑިމޮކްރެޓިކް ޕާޓީގެ 30 މެންބަރުން ހޮވިއްޖެނަމަ ވެރިކަންހިންގުމުގެ ބާރު މި ޕާޓިއަށް ލިބޭނެއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ދުރުކުރުމުގެ ބާރުވެސް ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖްލީހަށްލިބިފައިވާތީއެވެ.
މިނިވަން، އުފާވެރި، ފާގަތިމުސްތަޤްބަލަކަށްޓަކައި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ތާޢީދުކުރައްވާ!
ލިޔުނީ: އަޙުމަދު ޝަފީޤް އިބްރާހީމް މޫސާ (ސައްޕޭ)
31 ޑިސެމްބަރ 2003 މ.
| Main | News | Dhivehi | Editorials | Opinions | Guestbook |About Maldives |Downloads |About us | Links |
© Dhivehi Observer 2004