| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links | 15 July 2009 08:48
ސިޓީ ލީކު
ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ވަނަވަރު ކުރީގެ އެޓޯނީ ޖެނެރަލްގެ ގަލަމުން ގޮޅާގެ އަރިހަށް މުރާސިލް ވި..... އެހެނަސް....
14 ޖުލައި2009
ތިރީގައި އެވަނީ ޖުލައި 2005 ގައި ގޮޅާބޯއަށް އެއިރުގެ އެޓޯނީ ހަސަން ސައީދު ފޮނުވައިފައިވާ ސިޓީއެއްގެ ނަކަލެވެ. މިސިޓީގައި އޭރުގެ ޖިނާއީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ ހުކުންކުރުމުގެ ލަޔާގަތާއި ގާބިލިއްޔަތު ގޮޅާބޯއަށް ހަސަން ސައީދު ވަރަށް ތަފުސީލުކޮށް މިވަނީ ކިޔައިދީފައެވެ. އެކަމަކު ވީ ކަމެއް ހަމަ ހަރާމެވެ. ފަހެ، މިފަދަ ކަންކަމަކީ ގޮޅާބޯ މާ ކަންބޮޑުވި ކަންކަމަކަށް ނުވިއެވެ. އަބްދު ﷲ މުހައްމަދު ދެމިހުރީ ޖިނާއީ ކޯޓުގެ ގާޒީ ކަމުގައެވެ. ހުރި ކުޅަދާނަކަމެއްގެ ބޮޑު ކަމާއެވެ.
ނަންބަރު: /2005/1/ޑީ-32
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ބ. އޭދަފުށި އަސުރުމާގޭގައި ހަދާފައިހުރި ފެންހިންދާ ވަޅުގަނޑުގެ ސަބަބުން އެރަށު އަސްރަފީގޭގެ ފެންވަޅުގެ ފެންނުބައިވަމުންދާތީ އަސުރުމާގޭގެ ފެންހިންދާ ވަޅުގަނޑު އެހެންތަނަކަށް ބަދަލުކުރުމަށް ރަށުއޮފީހުގެ ފަރާތުން އެގޭގެ ވެރިފަރާތްކަމަށްވާ އެގޭ އިބްރާހީމް މުޙައްމަދަށް ތަކުރާރުކޮށް އެންގެވުމުން އެވަޅުގަނޑު އެހެންތަނަކަށް ބަދަލުކޮށްފައިނުވާތީ، އޭނާގެެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ މިއޮފީހުގެ ނަންބަރު 273/ޖކ/2005/2004/233 (27 މާރޗް 2005) ދަޢުވާ ފޯމުން ޖިނާޢީ ކޯޓަށް ހުށަހެޅި މައްސަލައިގައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންސް އިން ހުށަހަޅުއްވާފައިވާ އެމިނިސްޓްރީގެ ރަސްމީ ލިޔުމެއްގައި، އެގޭގެ ފެން ހެލްތް މިނިސްޓްރީގެ ލެބޯރޓްރީން ތަޙުލީލު ކުރެއްވިއިރު އެފެނަކީ އިންސާނުން ބޭނުންކުރުމަށް ކަމުދާ ފެނެއް ނޫންކަމަށް ވިދާޅުވެ އެމިނިސްޓްރީގެ ލީގަލްއޮފިސަރ އަލްއުސްތާޛު އަބުދުލްޙަންނާނު އަޙުމަދު ސޮއިކުރައްވާފައިވާ ލިޔުމާ ގުޅިގެން 16 ޖޫން 2005 ދުވަހުގެ އޮތް އެމައްސަލައިގެ ޝަރީޢަތަށް އަލްއުސްތާޛު ޢަބްދުލްޙަންނާނު ހާޟިރުކުރައްވައި، އެފެން ތަޙުލީލު ކުރެއްވިތޯއާއި، އެރިޕޯޓު ހުށަހެޅިދާނޭތޯ ސުވާލުކުރެއްވުމުން، ޖަވާބުގައި ޢަބްދުލްޙަންނާން އަޙުމަދު ވިދާޅުވީ މައްސަލައަކީ ދުވަސްވެފައިވާ މައްސަލައަކަށްވެފައި މައްސަލައިގައި އެއްޗެއް ދަންނަވަން އެނގޭނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރުމަށްފަހުގައިކަމަށާއި 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށް އެދި ދެންނެވުމުން، މައްސަލައިގައި ރަސްމީ ލިޔުމެއްގައި ސޮއިކުރައްވާފައިވާއިރު ތަޙުލީލު ރިޕޯރޓެއް އޮތްކަން ނުވަތަ ނޫންކަން ދަންނަވަން ނޭނގޭއިރު މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައިވަނީ ކީއްވެގެންތޯއާއި، މުސްކުޅި މީހެއްގެ މައްޗަށް ދަޢުވާކުރެއްވިފައިވާއިރު އެކަން ޔަޤީންނުވާއިރު ދަޢުވާކުރެވިގެން ނުވާނޭކަމަށް ވިދާޅުވެ، މައްސަލައިގައި ޝަރީޢަަތަށް ހާޟިރުކުރެވޭ ބޭބޭފުޅުންނާ މުޚާތަބް ކުރައްވާގޮތާ ތަފާތުގޮތަކަށް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު އަލްއުސްތާޛު އަބްދުލްޙަންނާނު އަޙުމަދާ މުޚާތަބްކުރެއްވިކަން ފާހަގަކުރެވެއެވެ.
6 ޖޫން 2005 ދުވަހު، 2005/JC/464 ނަންބަރު ޤަޟިއްޔާއިން މާލޭ މުނިސިޕަލްޓީ ޚާއްސަ ދަފްތަރު އަހުމަދު ނައީމްގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅުނު އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުހަންމަދު މައްސަލައިގެ ޙުކުމް ކުރެއްވުމަށްފަހު، ދަޢުވާ ލިބޭ ފަރާތަށް ނަސޭހަތްދެއްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި "ވަރަށް މަދު މީހަކަށް މެނުވީ އެއްވެސް މީހަކަށް ލޯބިވާ މީހަކު ނުލިބޭނެކަމަށާއި، އަހުމަދު ނައީމަށްވެސް އޭނާއަށް ހެޔޮއެދޭ އޭނާދެކެ ލޯބިވާ މީހަކު ލިބިދާނެކަމަށާއި، އަހުމަދު ނައީމްދެކެ ލޯބިނުވާ މީހެއްގެ ކައިރީގައި އާދޭސްނުކުރުމަށާއި، އަންހެނުންނަކީ ވަރަށް މަކަރުވެރި ބައެއްކަމަށް ޤުރުއާނުގައިވެސް ބަޔާންވެގެންވާކަމަށް" ވާހަކަތަކެއް ޤާޟީ ވިދާޅުވިކަން ފާހަގަކުރެވެއެވެ.
.../2
-2-
ހ.ސާރޯކުގެ އިބްރާހިމް އަލީ ގެ މައްޗަށް 2005/JC/124 ނަންބަރު ޤަޟިއްޔާއިން ހުށަހެޅުނު މާރާމާރީ ހިންގި މައްސަލައިގައި 6 ޖޫން 2005 ގައި އޮތް ޝަރީޢަތުގައި، ދައުވާ ހުށަހެޅިފައިވަނީ މީނާގެ އިޢުތިރާފްގެ މައްޗަށް ކަމަށާއި ޝަރީޢަަތުން އިބްރާހީމް އަލީގެ މައްޗަށް ކުށް ސާބިތުވާކަމަށް ނުވަތަ ސާބިތުނުވާކަމަށް ކަނޑައަޅުއްވައި މައްސަލައިގެ ޙުކުމެއް ކުރެއްވުމުގެ ބަދަލުގައި ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދު މައްސަލަ ނިންމަވާފައިވަނީ އިބްރާހިމް އަލީގެ މައްޗަށް ދައުވާކުރާނެ ތަނެއް ނެތްކަމަށް ކަނޑައެޅުއްވުމަށްފަހުކަން ފާހަގަކުރެވެއެވެ.
އަޒީމް ޢަބްދުﷲ (ޗާންދަނީގެ، ގއ. ކަނޑުހުޅުދޫ) ގެ މައްޗަށް މިއޮފީހުގެ ނަންބަރު 433/ޖކ/2005/689 (19 މެއި 2005) ދަޢުވާ ފޯމުން ހުށަހެޅުނު ބަދުއަޚްލާޤީ މައްސަލައިގައި 19 ޖޫން 2005 ދުވަހު އޮތް ޝަރީޢަތުގައި، ހެކިންގެ ގޮތުގައި ޙާޟިރުކުރެވުނު ދެކުދިން، ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު އިންނަވާ ކޮށިކޮޅު ކައިރިއަށް ގެންދަވާ އެތާތިބި އެންމެންނާ ދިމާއަށް ބަލާށޭ ވިދާޅުވިއެވެ. އަދި ކާކާ ދިމާއަށްތޯ ތިބަލަނީވެސް ސުވާލުކުރެއްވިއެވެ. އަދި ދުރުމިން ބުނަން ނޭގޭކަމަށް ނަމަވެސް ރީތިކޮށް ފެންނަ ހިސާބުގައި ހުރެގެން އެމީހާ އެޢަމަލު ހިންގިކަމަށް ޤާޟީ އަރިހުގައި ދެންނެވި ނަމަވެސް އެދެކުދިން ބޭރަށް ނެރެ ދުރުމިން ދެއްކުމަށް އަންގަވައި ބޭރަށް ނެރެ ދުރުމިން ދައްކަވައި، އެކުދިންނަކީ ކުޑަކުދިންނަށްވާއިރު، ދަޢުވާ ލިބޭ ފަރާތް އެތާ ބަހައްޓަވައި އެކުދިން ލައްވާ އެދުވަހު ކަން ހިނގާ ދިޔަގޮތުގެ މަންޒަރު ރިޕީޓްކުރެއްވިކަން ފާހަގަކުރެވެއެވެ.
ވީމާ، މިކަމަކީ މަނިކުފާނަށް އެނގިވަޑައިގެންފައިއޮތުން މުހިއްމުކަމެއްކަމަށް ފެންނާތީ ދެންނެވީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
26 ޖުމާދަލްއޫލާ 1426
03 ޖުލައި 2005
ޚާދިމުކުމް
ޙަސަން ސަޢީދު
އެޓަރނީ ޖެނެރަލް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،
ދިވެހިރާއްޖެ
click here to visit kobaaNet
| Main | News | Dhivehi | Editorials | Opinions | Open Forum | About Maldives | Downloads | About us | Links |
© Dhivehi Observer 2004